ދަރިވަރުން ދެނެގަތުން
އުނގަނައި ދިނުމުގައި ދަރިވަރުންގެ ފަރުދީ ތަފާތުތަކަށް ވިސްނައި އުނގަނައިދިނުން ބައްޓަން ކުރުމަކީ ބޭނުންތެރި ކަމެކެވެ. މިގޮތުން ކުދިންގެ އާއިލީ ފެންވަރާއި، ސަގާފަތާއި ކުދިންގެ ބޭނުންތަކަށް ވިސްނަން ޖެހެ އެވެ.
ޢާއިލާގެ އިޤްތިޞާދީ ފެންވަރު
ޢާއިލާގެ އިޤްތިޞާދީ ފެންވަރު މައިގަޑުގޮތެއްގައި
ބެލެވެނީ ލިބޭ އާމުދަނީ، ކުރާމަސައްކަތް އަދި ތަޢުލީމީ ފެންވަރުންނެވެ.
ރިސާރޗްތަކުން ހާމަ ކުރާގޮތުގައި ޢާއިލާގެ އިޤްތިޞާދީ ފެންވަރު ދަރިވަރުންގެ
ސުލޫކަށާއި، ދެކޭގޮތްތަކަށާއި، ކުރެވޭ ތަޖުރިބާތަކަށާއި، ވިސްނުމަށާއި އަދި
މަދުރަސީ ކާމިޔާބަށް ވަރަށް ބޮޑު އަސަރު ތަކެއް ކުރުވައެވެ.
ޘަޤާފަތް
ޘަޤާފަތަކީ މީހުންގެ ވިސްނުންވަކިގޮތަކަށް އަމާޒު ކުރުވާ،
ޤަބޫލުކުރާ ކުރުންތަކާއި، އާދަކާދަ އަދި ކުދިން މަދަރުސާއަށް އަންނައިރު
އަންނައިރު އެކުދިންނާއެކު ގެންނަ ގޮތްތަކެކެވެ. މަދަރުސާގެ ޘަޤާފަތާއި ދަރިވަރުގެ
ޘަޤާފަތް ގުޅިއްޖެނަމަ އޭގެ ސަބަބުން ދަރިވަރު މަދުރަސީކާމިޔާބަށް ވަރަށް ރަގަޅު
އަސަރުތަކެއް ކުރުވައެވެ. ޘަޤާފަތާއި ގުޅުވައިގެން ގެންދާ ކިޔަވައިދިނުން
ދަރިވަރުގެ ޘަޤާފަތާއި އާދަކާދަތަކާއި ކުލާހުގައި ދެވޭ ތަފާތު އިރުޝާދުތަކާއި
ވަރަށް ބޮޑަށްލާމެހިގެންދެއެވެ. އަޅުގަޑުމެން ރާއްޖޭގައިވެސް އެކިހިސާބުތަކުގައި
އޮންނަ ޘަޤާފަތާއި އާދަކާދަތަކުގައި ތަފާތު ތަކެއް ހުރެއެވެ. ބައެއް ފަހަރު އެކަން
މާލޭގެ ސްކޫލުގެ ތަކުގައި ވަރަށް ބޮޑަށް ފާހަގަވެގެން ދެއެވެ.
ޖިންސު
ކުދިންގެ ސުލޫކާއި ތޫނުފިލިކަމުގައި ޖިންސީތަފާތުކަން
ފާހަގަ ކުރެވެނީ ވަރަށް ކުޑަމިންވަރަކަށެވެ. އަދި ގިނަފަހަރަށް ޙާޞިލުކުރުމުގައި
ޖިންސީ ތަފާތުކަން އަންނަނީ ފިރިހެން ކުދިންނާއި އަންހެންކުދިންނާމެދު
މުޢާމަލާތްކުރެވޭ ގޮތްތައް ތަފާތު ކުރުމުގެ ސަބަބުންނެވެ. މުދައްރިސުން
ކިޔަވައިދޭއިރު ފިރިހެން ކުދިންނާއި އަންހެންކުދިންނާއި އެއްގޮތަކަށް މުޢާމަލާތު
ކުރުމާއި އެއްގޮތްތަކެއްގައި އެކުދިންނާމެދު ދެކެވޭނަމަ ހާޞިލުކުރާ މިންވަރުގެ
ތަފާތު ކުޑަކުރެވިދާނެއެވެ. ހަމައެހެންމެ ކިޔަވައިދޭ އިރު ދަރިވަރުންނަކީ ވަކި
ޖިންސެއްގެ ކުއްޖަކަށް ވުމުން ދަށް ނުވަތަ މޮޅުވާނެ ކަމަށް ހީކުރެވޭ ހީކުރެވުން
ތަކުން ދުރުހެލިވެގެން މިކަމުގެ ސަބަބުން އަންނަ ތަފާތުކަން ކުޑަކުރަވޭނެއެވެ.
އުދަގޫ ފައްތަރެއްގައި ތިބޭ ދަރިވަރުން Students Placed at Risk
އުދަގޫ ފައްތަރެއްގައި ތިބޭ ދަރިވަރުން ބޮޑަށް މާނަކުރެވެނީ
ތަފާތު ސަބަބުތަކާހުރެ ތަޢުލީމީ ވަކި ފެންވަރަކާ ހަމައަށް ނުގޮތސް މަދުރަސީ ދައުރު
ދޫކޮށްލުމަށް މަޖުބޫރުވާ ނުވަތަ އެހެނިހެން ސަބަބުތަކާއި ހުރެ ދޫކޮށްލާ
ކުދިންނެވެ. ހަރުދަނާ މަދުރަސީ ނިޒާމެއް އޮންނަ ސްކޫލެއް ނަމަ މިބާވަތުގެ
ދަރިވަރުންނާއި މުޢާމަލާތް ކުރެވޭނެ ތަފާތު ގޮތްތައް ރޭވިފައި އޮންނަން
ޖެހޭނެއެވެ. މިގޮތުން ފާހަގަ ކޮށްލެވެނީ ކުދިންގެ ހިތްހަމަނުޖެހުންތަކާއި
އުދާސްތައް ލުއިކޮށްދެވޭ ތަފާތު ޕްރޮގުރާމްތައް ރޭވިފައިވުމާއި، ތަޢުލީމަށް
ފޯކަސްކުރުވުމަށް މަސައްކަތްތަކެއް ކުރެވުމާއި، އަދި ދާއިމީ ބެލެހެއްޓުމެއްގެ
(މޮނިޓަރ) ދަށުންދިއުމާއި، އަދި ބެލެނިވެރިންނާއި މަދުރަސާއާއި ގާތް ގުޅުމެއް
އުފެއްދުންފަދަ ކަންކަމުގެ ތެރެއިންނެވެ. ރަގަޅު މުދައްރިސުން މިފަދ ކުދިންނާމެދު
ކިޔެވުން ކާމިޔާބު ކުރުމާމެދު މަތިވެރި އުއްމީދުތަކެއް ކުރުމާއެކު، ތަފާތު
ވައްތަރުގެ ދޭދޭގުޅުންތަކަށް މަގުފަހިވާފަދަ ގިނަގުނަ ހުނަރުވެރި އުނގެނުމުގެ
ޙަރަކާތްތައް ރާވާ ތަފާތު ކުދިން ޝައުޤުވެރި ކުރުވުމުގެ ގޮތުން އެކުދިން ގަޔާވާ
ކަންކަމާއި ގުޅުވައިގެން ކިޔަވައިދެއެވެ. މީގެއިތުރުން، އެކުދިންނަށް ތާއަބަދު
ލޯތްބާއި އޯގާތެރިކަން އިޚްލާޞްތެރިކަމާއެކު ދިނުންވެސް ވަރަށް މުހިއްމެވެ. މިފަދަ
ދަރިވަރުން މަދުރަސީ ޙަޔާތުން ވަކިވެ ދިޔަ ނުދިނުމަށްޓަކައި ކުލާހުގެ
މަސައްކަތްތަކަކީ އެކުދިންގެ ގަޔާވާ ޙަރަކާތްތެރި ކަންކަމަށް ހެދުން ލާޒިމެވެ.
އަދި މީގެ އިތުރުން އެކުދިން ރަގަޅު ކުރުމަށް ބޭނުންވާ ދާއިރާތަކުގެ ބިނާކުރަނިވި
ފީޑްބެކު ދިނުމާއެކު މުސްތަޤްބަލު އުޖާލާކުރުމަށް އަބަދުވެސް
މަތިވެރިއުއްމީދުތަކަކާއެކު އިޚްލާޞްތެރިކޮށް މަސައްކަތް ކުރުން މުހިއްމެވެ.
މިފަދަ ކުދިންގެ ތެރޭގައި ޢާއްމުކޮށް ހިމެނޭނީ
o ވަރަށް ފަޤީރު ކުދިން
o ތަފާތު އަނިޔާވެރިކަމާއި އިހާނެތި (ޖިންސީ ނަފުސާނީ އަދި ޖިސްމާނީ)
ކަންކަމުގެ ސަބަބު މެދުވެރިވެފައިވާ ކުދިން
o މައިންބަފައިން ވަކިން އުޅުމާއި ދޮންމަންމަ ނުވަތަ ދޮންބައްޕައާއެކު އުޅޭ
ކުދިން
o މައިންބަފައިން މަރުވެ ޔަތީމުވެ އެހެން މީހުންނާއެކު އުޅޭ ކުދިން
o ތަފާތު ސަބަބުތަކާހުރެ ޢާއިލާ ނޫން އެހެން ގޭގޭގައި އުޅޭ ކުދިން