Tuesday, June 3, 2014

ދަރިވަރުން ދަސްކުރާގޮތް (ލަރނިންގސްޓައިލް)


ކުލާހެއްގައި ތިބޭ ވަކިވަކި ދަރިވަރުންނަކީ އެކި ގޮތްގޮތުން ތަފާތު ދަރިވަރުންނެވެ.ހަމައެހެންމެ،އެކި ކުދިން ދަސްކުރާގޮތް (ލަރނިންގ ސްޓައިލް) ވެސްތަފާތެވެ. އަތްލާ ބަލައިގެން، ތަޖުރިބާ ކޮށްގެން، ކިޔައިގެން، އަޑުއަހައިގެން، ތަފާތު ހިއްސުތައް ބޭނުންކޮށްގެން، ޙަރަކާތްތެރިކަމާއެކު ބައިވެރިވެގެން، މަޝްވަރާކޮށް ހިއްސާކޮށްގެން މިއިން ކޮންމެ ގޮތަކުންވެސް ދަރިވަރުންގެ ސިކުނޑީގައި އުނގެނުމެއް ހިނގާފާނެކަމަށް ސައިކޮލޮޖިކަލް ތިއަރިސްޓުން ބަޔާންކުރައްވައެވެ. މިގޮތުން، އުނގެނުމުގެ ވައްތަރުތައް ބަހާލެވެނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ، ބަލައިގެންނާއި، އަޑުއަހައިގެންނާއި، ކޮށްގެންނެވެ. އެހެނީ، ބައެއް ދަރިވަރުންނަކީ މައިންޑް މެޕް، ވީޑިއޯ، އޯ އެޗް ޕީ، ޑައިގްރާމް، ޗާޓް، ތަސްވީރު ފަދަ ފެންނަން ހުންނަ އެއްޗެހި ބަލައިގެން އުނގެނެން ފަސޭހަ ދަރިވަރުންނެވެ. އަނެއްބައި ދަރިވަރުންނަކީ ދެ ކުދިން ދެ ކުދިން ވާހަކަދައްކައިގެން، ބާރަށް ކިޔައިގެން، ރާގުއަޅުވައިގެން، ރާގަށް ފެތޭގޮތަށް ކިޔައިގެން ފަދަ ގޮތް ގޮތުން އުނގެނެން ފަސޭހަ ދަރިވަރުންނެވެ. އަދި ބައެއް ދަރިވަރުންނަކީ މައިގަނޑު ނުކުތާތައް (ކީ ޕޮއިންޓްތައް) ފާހަގަކޮށްގެން، ޙަރަކާތުން ދައްކައިގެން، ޑިޒައިންކޮށްގެން، ނޯޓް ނަގައިގެން، ޕޯސްޓް ކާޑް ހަދައިގެން ފަދަ ކަންކަން ޢަމަލީގޮތުން ކޮށްގެން އުނގެނެން ފަސޭހަ ދަރިވަރުންނެވެ. 
     ކުލާހުގައި ތިބޭ ކުދިންނަކީ އެކި ގޮތްގޮތުން ދަސްކުރަން ފަސޭހަ ކުދިންނަށް ވާއިރު މިއީ މުދައްރިސުން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ. މިގޮތުން، ފިލާވަޅަށް ތައްޔާރު ވުމުގައި އާއި ފިލާވަޅު ކުރިއަށް ގެންދިއުމުގައި ވެސް ދަރިވަރުން ދަސްކުރާ ގޮތްތަކަށް ވިސްނައިގެން ކުރިއަށް ގެންދިއުމަކީ ފިލާވަޅުގެ މަޤުޞަދު ހާސިލުކުރަން ފަސޭހަވެގެން ދާނެ ގޮތެކެވެ.

 

No comments:

Post a Comment