Monday, June 2, 2014
ސޯޝަލް ކޮގްނިޓިވް ލާރނިންގ ތިއަރީ
މި ތިއަރީގައި ދަރިވަރުން އުނގެނެނީ ކޮޕީކޮށްގެންނާއި
މޮޑެލިންގ ކޮށްގެންނާއި އެހެން މީހުންގެ ފުށުންނާއި (ވިކޭރިއަސް ލާރނިންގ)
އަމިއްލައަށް ކަންކަން ބަލަހައްޓައިގެންނެވެ. އެހެންކަމުން، މި ތިއަރީ ވެފައިވަނީ
ވަރަށް ބޮޑަށް ދަރިވަރު ޙާޞިލުކުރަން ބޭނުންވާ ގޯލާހަމައަށް ވާޞިލުވުމަށާއި އެހެން
މީހުންނާ ގުޅިގެން އުޅެން ދަސްކުރުމަށް އެހީތެރިވެދޭ ތިއަރީއެއް ކަމުގައެވެ. ވީމާ،
އުނގެނުން ކުރިއަށް ގެންދަންވާނީ މި ކަންކަމަށް ބިނާކޮށްގެންނެވެ. އަދި
ހަވާލުކުރެވޭ މަސައްކަތްތައްވެސް ވާންޖެހޭނީ މި ކަންކަން ޙާޞިލުކުރުމަށް މަގުފަހިވާފަދަ
މަސައްކަތްތަކަކަށެވެ.
މި ތިއަރީގައި ކުދިން އުނގެނޭ އެއް ގޮތްކަމުގައިވާ ސެލްފް
ރެގިއުލޭޝަންގެ ސަބަބުން ދަރިވަރުން ޙާޞިލުކުރަން ބޭނުންވާ ގޯލާ ހަމައަށް
ވާޞިލުވުމަށްޓަކައި ވިސްނުމާއި ސުލޫކު އަދި އިހުސާސްތައް ވަކިގޮތަކަށް ކޮންޓްރޯލު
ކުރުމަށް އެހީތެރިވެދެއެވެ. އެހެންކަމުން، އުނގެނުމުގެ ތަފާތު ހުނަރުތަކާއި
އަމިއްލަ ނަފުސު ކޮންޓްރޯލު ކުރުމުގެ ޤާބިލުކަންލިބި، އެކުދިންގެ ކިބައިގައި
ކިޔެވުމުގެ ހުނަރާއި އުނގެނުމުގެ ޢަޒުމު އަށަގަނެއެވެ.
ސޯޝަލް ކޮގްނިޓިވް ލާރނިންގް ތިއަރީ ހާމަކުރާގޮތުގައި
އަނެކާއަށް ބަލައިގެން އިންސާނާ ދަސްކުރެއެވެ. އިންސާނާގެ އުޅުމަށް
ބަދަލުގެނެއެވެ. އާ މަޢުލޫމާތުތަކެއް ހޯދައިގަނެއެވެ. ވަށައިގެންވާ މާޙައުލުން
ކުދިންނަށް ފެންނަ ޚާއްޞަ ފަރާތްތައް ނަކަލުކޮށްގެން ކުދިން އުނގެނޭކަން ނުވަތަ
ކުދިންގެ އުޅުމަށް ބަދަލުގެންނަކަށް މި ތިއަރީގެ ހޯދުންތަކުން
ސާބިތުކޮށްދީފައިވާކަމަށް މެލިއްސާ ހާރސްޓް (2014) ހާމަކުރައްވައެވެ. އިތުރަށް
ހާމަކުރައްވާގޮތުގައި މި ނަކަލުކުރުމުގައި ނުވަތަ މިގޮތަށް މޮޑަލްކުރުމުގައި
ތަފާތު ތިން ގޮތެއް ގެންގުޅެއެވެ.
1- ޑައިރެކްޓް މޮޑަލިން
ޑައިރެކްޓް މޮޑެލިންގައި ކުއްޖާއުޅޭ މާޙައުލުން
ކުއްޖާއަށް، ފެންނަ ކަންތައްތަކާއި މީހުންނާއި ގޮތްތައް އެ ފެނުނުގޮތަކަށް
ނަކަލުކުރެއެވެ. މިސާލަކަށް އަޙުމަދުގެ އެކުވެރިންނަކީ ވަކިގޮތަކަށް
ހެދުންއަޅާ، ވަކިގޮތަކަށް ބޮލުގައި ފުނާ އަޅައިގެން އުޅޭ ކުދިންކަމުގައި ވާނަމަ،
އެ އެކުވެރިންގެ ގުރޫޕަށް ނިސްބަތްވުމަށްޓަކައި އަޙުމަދުވެސް އެކަހަލަ ހެދުން
އަޅައި އެ ގޮތަށް ބޮލުގައި ފުނާއަޅައިގެން އެ މީހުންގޮތަށް އުޅުން
ބަދަލުކޮށްލުމެވެ. ހަމައެހެންމެ ސައިންސް ކްލާސްރޫމެއްގައި މުދައްރިސް ކްލާކަށް މޮޑެލްކޮށް
ދައްކާ އެކްސްޕެރިމެންޓް ދަރިވަރުން ހަމަ އެގޮތަށް އެ އެކްސްޕެރިމަންޓް
ނަކަލުކޮށްގެން ދަސްކުރުމެވެ. މިއީ މާޙައުލުން ފެންނަ ކަންކަމަށް ވާތީ އަނެކާއަށް
ބަލައިގެން އުޅުމަށް ބަދަލުއަންނަކަން ނުވަތަ އުނގެނޭކަން ޤަބޫލުކުރެވެއެވެ.
2- ސިންބޮލިކް މޮޑެލިން
ސިންބޮލިކް މޮޑެލިނަކީ ޓީވީންނާއި ވާހަކަތަކުންނާއި
ފޮތްފޮތުން ފެންނަ ޝަޚުޞިއްޔަތުގެ ސިފަތައް ނަކަލުކުރުމެވެ. މިސާލަކަށް ޓީވީ
ސްޓާރަކު ވާހަކަދަކާގޮތް ކުއްޖާއަށް މާ ގަޔާވާގޮތަކަށްވެ އެގޮތަށް ވާހަދެއްކުމެވެ.
ހަމައެހެންމެ ކުއްޖަކު ކިޔާ ވާހަކައެއްގެ މައިގަނޑު ޝަޚުޞިއްޔަތަކީ އެކިވައްތަރުގެ
މާތަކަށް ވަރަށް ލޯބިކޮށް މާތައް އެއްކޮށްގެން އުޅޭ މީހެކެވެ. ކުއްޖާ
ވާހަކަކިޔުމަށްފަހު މާ ގެންގުޅުމަށް ލޯބިކޮށް މާ އެއްކުރަން ފެށުމެވެ.
3- ސިންތަސައިޒް މޮޑެލިން
ސިންތެސައިޒް މޮޑެލިންގައި އެކި ފަރާތްތަކުން ފެންނަ
ސިފަތައް ކުއްޖާ ބޭނުންވާ ބަދަލުތަކާއެކީ ކޮޕީކުރެއެވެ. މިސާލަކަށް ކްލާހުގައި
މުދައްރިސް ފިލާވަޅަކުން ނޯޓުނަގާނެ ގޮތް ކިޔާދިނީ މައިންޑް މެޕެއްގެ އެހީގައެވެ.
އެހެންނަމަވެސް ދަރިވަރު ބޭނުންވީ މަލެއްގެސިފަގައި ކުރަހައިގެން އެއަށް
ނޯޓުނަގާށެވެ. އެހެންކަމުން ދަރިވަރު މުދައްރިސް ދެއްކި މައިންޑް މެޕް ދަރިވަރު
ބޭނުންވާ ބަދަލާއެކީ ކޮޕީކުރެއެވެ.
Subscribe to:
Post Comments (Atom)
No comments:
Post a Comment